
ދިމިޝްޤު ގެ މަގެއްގެ އެއްކައިރީ
މަޖިލިސް ހައްދަވައިގެން ޚަލީފާ އިންނެވި ދުވަހެކެވެ. އެއްވެސް ނިވަލެއް ނެތި މަޖިލިސް
ވަނީ ނަސީމީ ރޯޅިތަކަށްޓަކައި ހަތަރު ފަރާތުން ހުޅުވާލެވިފައެވެ. މި ގޮތުގައި ދަރުބާރުގެ
ބޮޑުންނާއި އެކު ތަޚުތުގައި ޚަލީފާ
އިންނަވަނިކޮށް މަޖިލީހާ ދިމާއަށް ވަރަށް ހަރުކޮށް
ހިނގާފައި އަންނަ މީހަކު ފެނުނެވެ. އެހިނދު ޚަލީފާގެ ޚައްދާމު ކުއްޖަކަށް ވިދާޅުވިއެވެ.
އެހަރަ އަންނަ ބީރައްޓެހި މީހާގެ ޚަބަރު އޮޅުން ފިލުވައިގެން އަންނާށެވެ. ﷲ ގަންދީ
ހުވާކޮށްފައި ބުނަމެވެ. އެއީ ފަޤީރެއް ކަމުގައި ވަނީ ނަމަ މުދާ ދެއްވާހުށީމެވެ. ޝަކުވާ
އަކައިގެން އައި ނަމަ އިންސާފު ދެއްވާހުށީމެވެ. ލިބިފައިވާ އަނިޔާއަކައިގެން އައި ނަމަ
ނަޞްރުދެއްވާހުށީމެވެ.
ދެން ޚައްދާމުކުއްޖާ ގޮސް އެމީހާއާ
ބައްދަލުކޮށް ސަލާމްކޮށްފައި ކޮން ތާކުން އައި ކާކުތޯ ސުވާލުކޮށްލައިފިއެވެ. އެމީހާ
ބުނެފިއެވެ. ތިމަންމީ އެވެނި ޤަބީލާގެ މިވެނި މީހާއެވެ. އަހަރެން ޚަލީފާގެ ދަރުބާރަށް
މިއައީ އަހަރެމެން ރަށަށް ޚަލީފާ ކަނޑައަޅުއްވާފައި ހުންނެވި ގަވަރުނަރުގެ ފުށުން ލިބުނު
އަނިޔާއެއްގެ ޝަކުވާ ދަންނަވާށެވެ. ޚައްދާމު ކުއްޖާ އޭނާއަށް ޚަލީފާގެ މަޖިލީހަށް ވަނުމަށްޓަކައި
މަގު ތަނަވަސްކޮށްލަ ދިނެވެ. އެހިނދު ބީރައްޓެހި މީހާ ކިޔަންފެށިއެވެ.
އޭ ޢިލްމާއި ޙިލްމާއި ދީލަތިކަމުގެ
ވެރި ޚަލީފާއެވެ. ބިންގަނޑުގައި މަށަށް މަ ހިނގާ މަގު ދަތިވެއްޖެ ހިނދުގައި އައީމެވެ.
އޭ އެހީތެރިޔާއެވެ. ޢަދުލުވެރިކަމުގެ އުންމީދުގައި އަހަރެން އައިހިނދު މާޔޫސް ނުކުރާށެވެ.
އަހަރެން ޤަތުލުކުރުމަށް ވުރެ ބޮޑު އަނިޔާއެއް އަހަރެންނަށް ދިން އަނިޔާވެރިޔާގެ ކިބައިން
އަހަރެންނަށް އިންސާފު ހޯދައިދޭށެވެ. އޭނާ އަހަރެންގެ އަހުލުން ރުޅިއަރުވައިފިއެވެ.
އަހަރެން ޖަލަށް ލައި ވޭނާއި ޢަޒާބުތައް ދައްކައިފިއެވެ. މަރާލަން ވެސް މަސައްކަތް
ކުރިއެވެ. އެހެނަސް އަހަރެންގެ ރިޒްޤު ފުރިހަމަ ނުވާތީ އަހަރެންގެ ޢުމުރު އެކަމަށް
ހުރަސް އެޅިއެވެ. އަހަރެންނަށް އެހީތެރިވާށެވެ. ތިބާއަށް ހެޔޮ ޖަޒާގެ ގޮތުގައި މާތްކަލާނގެ
ސުވަރުގެ ދެއްވަވާށިއެވެ. ސުޢުދާގެ ލޯބީގައި ވެވޭ ވަޖިދުން އަހަރެންގެ ސިކުނޑި ހިމުންވާން
ގާތްވެއްޖެއެވެ.
ޚަލީފާ ވިދާޅުވިއެވެ. އޭ ރަހުމަތްތެރިޔާއެވެ.
ތިބާ ތިޔަ ޝަކުވާކުރަނީ އަހަރެން ތަނެއްގެ ވެރިއަކަށް ކަނޑައަޅާފައި ހުރި މީހެއްގެ
ވާހަކައިންހެން ހީވެއެވެ. އެމީހާގެ ނަމާއި އެކު ބުނާށެވެ. ދެން ބީރައްޓެހި މީހާ އެ
ގަވަރުނަރުގެ ނަމާއި ރަށާއި އެކުގައި ޚަލީފާއަށް ދަންނަވައިފިއެވެ. ޚަލީފާ ވިދާޅުވިއެވެ.
ތިބާއާއި އޭނާއާއި ދެމެދުގައި ހިނގީ ކޮން ކަމެއްހެއްޔެވެ؟ ރަށްފުށުން އައި ބީރައްޓެހި
މީހާ ކިޔައިދޭން ފެށިއެވެ. އަހަރެންނަކީ އަހަރެންގެ ދެބެންދެދަރި ކުއްޖަކާއި ކައިވެނިކޮށްގެން
ވަރަށް އަރާމު ދިރިއުޅުމެއް އުޅެމުން އައި މީހަކީމެވެ. އެއީ ރީތި ކުއްޖެކެވެ. ޚުލްޤުހެޔޮ
ކުއްޖެކެވެ. އަހަރެން އުޅުނީ އެންމެ އުފަލުގައެވެ. އެންމެ އަރާމުގައެވެ. މިހެން މިކަންތައްތައް
އޮއްވާ ދެމީހުންގެ ދެމެދުގައި ހިނގި ކުޑަ ކަމެއްގެ ވާހަކައިގެ ޚަބަރު ބަފާބެއަށް ލިބުނު
ހިނދު އަހަރެންނަށް އިންކާރުކޮށް ނިކަން އެތިވަރުގޮވާފައި އަންހެނުން އަތުލައިގެން
ގެންގޮސްފިއެވެ. ދެން ހަމަ ހަދާނެ އެއްގޮތެއް ނެތުމުން ޚަލީފާ އަހަރެމެންގެ ރަށަށް
ކަނޑައަޅުއްވާފައި ހުންނެވި ގަވަރުނަރުގެ އަރިހަށް ހިނގައްޖައީމެވެ. ގަވަރުނަރު ވަރަށް
ޢަދުލުވެރިކަމާއި އެކު މައްސަލަ ބައްލަވާންކަމަށް އުޅުއްވާފައި ބަފާބެއާއި އެކު އަހަރެންގެ
އަންހެނުން ދަރުބާރަށް ހާޒިރުކުރެއްވިހިނދު އަހަރެންގެ އަންހެނުން ސުޢުދާގެ ރީތިކަމުގައި
ގަވަރުނަރު ހަމަ ރަނގަޅަށް މަސްތުވެ ޢިޝްޤުގައި ޖެހިވަޑައިގެންފިއެވެ. ދެން ކަންތައްވީ
ވަރަށް ހިތާމަހުރި ގޮތަކަށެވެ. އަހަރެން ޖަލަށް ލައްވާފައި އެކަމަނާގެ ބައްޕައަށް ހާހުން
ދީނާރާއި ދިރުހަމާއި ދޭން ވަޢުދުވެވަޑައިގެން އެކަމަނާ ގަވަރުނަރާއި ދެވަން އެއްބަސްކުރުވައިފިއެވެ.
ދެން ކޮންމެ ދުވަހަކު ގަވަރުނަރު އަރިހަށް އަހަރެން ގެންގޮސް ސުޢުދާ ވަރިކުރުމަށް އަންގަވަނީއެވެ.
އަހަރެން ދެކޮޅު ހެދުމުން ތެޅުމަށް އަމުރުކުރައްވަނީއެވެ. މިހާލެއްގައި ތިން ދުވަސް
ވަންދެން ގެންގުޅުމުން ވެސް އަހަރެން އެއްބަހެއް ނުވީމެވެ. އެންމެ ފަހުން ޤަތުލުކުރާނޭ
ކަމުގެ ބިރުދެއްކީމާ އަހަރެން ސުޢުދާ ވަރިކުރީއެވެ. ދެން އަނެއްކާވެސް އެކަމަނާގެ ޢިއްދާ
ހަމަވެ ނިމެންދެން އަހަރެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓީއެވެ. އެފަހުން މިނިވަންވީމާ
މިއައީ އެކަމުގެ ޝަކުވާއާގެންނެވެ. އޭ މަތިވެރި ޚަލީފާއެވެ. އަހަރެންނަށް އޯގާތެރިވާށެވެ.
ހިތްވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ހަށިގަނޑުވަނީ ލޮޑުވެފައެވެ. އެ ފަރި ރީތި ރާނީގެ
ލޯބީގައި ބުއްދިއަށްވަނީ ލޮޅުން އަރާފައެވެ. އަނެއްކާވެސް އާދޭސް ދަންނަވަންފެށިއެވެ.
ހިތުގައިވަނީ އަލިފާނެވެ. އަލިފާނުގައިވަނީ
އަނދާހުލިވުމެވެ. ޑަކްޓަރު އަންތަރީސްވެ ގޮތް ހުސްވާވަރަށް ހަށިގަނޑުވަނީ ބަލިވެފައެވެ.
ކޯރުހެދޭވަރަށް ހޯސްލައިފައި ލޮލުން އަބަދާއި އަބަދު ކަރުނަ އަންނަނީއެވެ. އޭނާގެ ކިބައިން
ލިބުނު އަނިޔާއަކީ އުފުލޭނޭ އެއްޗެއްނޫނެވެ. ކެތްކުރެވޭނޭ ކަމެއް ނޫނެވެ. ދެރަވެފައިވާ
ނިކަމެއްޗަކަށް ހަމްދަރުދީވާށެވެ. ސުޢުދާ އަނބުރާ ހޯދަދޭށެވެ. ޖައްބާރުވަންތަ މާތްރަސްކަލާނގެ
ޚަލީފާއަށް ހެޔޮ ދަރުމަދެއްވާނެއެވެ.
އެއަށްފަހު އަނބުރައިގަނެގެން
ބީރައްޓެހި މީހާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ދެން ޚަލީފާ ނުހަނު ކޯފާއިސްކުރައްވާފައި
ގަވަރުނަރަށް ސިޓީއެއް ލިޔުއްވިއެވެ. އެއަށްފަހު ދަންނައެވެ. ތިބާގެ ރައްޔިތުންނާއި
މެދު ދީނުގެ އިންތައް ފަހަނައަޅާ، ރައްޔިތަކުގެ ޙުރުމަތް ކަނޑާލި ޚަބަރު ތިބާއާއި މެދުގައި
އަހައިފީމުއެވެ. ފަހެ ރަށެއް ވިޔަސް ތަނެއްގެ ވިޔަސް ވެރިއެއް ކަމުގައި އިސްކުރެވުނު
މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ބެލުންތައް ތިރިކޮށްގެން ނަފުސު ހިފަހައްޓައިގެން
ޝަހުވަތްތެރިކަން މައިތިރިކޮށްގެން ހުރުމެވެ.
ތިބާ ވެރިއަކު ކަމުގައިވާހާލު
ޙުކުމް ނުކޮށް ތިޔަ ދޫކޮށްލި މައްސަލައާއި ހުރެ ތިބާއާއި މެދުގައި ޢަޖައިބުވެއްޖައީމެވެ.
ޒިނޭކުރި މީހެއްގެ ފާފައެއް ފަދަ ފާފައިން ތިބާ ތައުބާވާށެވެ. ތިބާ އަހަރެންގެ ގާތުގައި
އުޅުނު އިރުގައި އަދަބުވެރި ޢިލްމުވެރި މީހަކު ކަމުގައި ވީމުއެވެ. އަހަރެން މި ލިޔެ
އަންގާ ކަންތަކާއި ތިބާ ޚިލާފުވެއްޖެ ނަމައީ ތިބާއަށް އެކަމުގެ ޢުޤޫބާތް ދައްކާހުށީމެވެ.
ސުޢުދާ ވަރިކޮށްފައި އަވަހަށް މިކޮޅަށް ފޮނުވާށެވެ. މި އިވުނު ކަންތަކަކީ އަދި މިހާ
ތަނަށް އިންސާނަކާއި މެދުގައި އަހާފައިވާ ވާހަކައެއް ނޫނެވެ. އަދި ތިބާގެ ތިޔަ ޢަމަލަކީ
އިންސާނެއްގެ ޢަމަލެއް ހުރެގެންވާނޭ ގޮތެއް ނޫނެވެ. ތިބާގެ އަމިއްލަ ނަފުސަށް އިޚްތިޔާރުކުރާށެވެ.
އެހެންނާ އެކަމަނާ ރީތި ގޮތުގައި ދޫކޮށްލުމެވެ. އެހެންނާ މަރާބައްދަލުކޮށް ކަފުންވުމެވެ.
އެއަށްފަހު ސިޓީ ޚަލީފާގެ ޕޯސްޓާއި
ހަވާލުކުރައްވައިފިއެވެ. ދެން ގަވަރުނަރަށް ސިޓީ ލިބުނުހިނދު ވަރަށް ކީރިތިކުރައްވާ
ސިޓީ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ސިޓީގައި ވާ ފަދައިން ސުޢުދާ ވަރިކޮށް ސިޓީގެ
ޖަވާބާއި އެކު ސިޓީއާއިގެން އައިމީހުންގެ ހަވާލުގައި ސުޢުދާ ފޮނުވާލެއްވިއެވެ.
ޖަވާބުގައި ގަވަރުނަރު ލިޔުއްވާފައިވެއެވެ.
އޭ ޚަލީފާއެވެ. އަވަސްވެވަޑައިނުގަންނަވާށެވެ.
ޚަލީފާގެ އަމުރުފުޅު އިހްސާންތެރިކަމާއި އެކު ފުއްދާ ތަންފީޒުކޮށްފީމެވެ. އެރީތި ރާނީގެ
ލޯބީގައި މަސްތުވި ހިނދުގައި އަހަރެން ޙަރާން ކަމެއް ނުކުރަމެވެ. އެހެންވީމާ ޚިޔާނާތްތެރި
ޒިނޭކުރިމީހާގެ ނަމުން އަހަރެންނަށް ތުހުމަތުކުރެއްވޭނީ ކިހިނަކުންހެއްޔެވެ؟ އަހަރެންގެ
ޢުޒުރު ގަބޫލުކުރައްވާށެވެ. ފަހެ ޚަލީފާއަށް އެކަމަނާ ފެނިވަޑައިގަންނަވާ ހިނދުގައިވެސް
ނާރުތަކުގައި ލޭދައުރުވެ އިހްސާސްތައް ހިނގާނީ ހަމަ އެހެން އިންސާނުންނެކޭ އެއްފަދައިންނެވެ.
ޚަލީފާގެ އަމުރުފުޅު ނޫން ނަމައީ ކަފުންވެ ކަށްވަޅަށް ދާއިރުވެސް ސުޢުދާ ވަރިނުކުރީމުހެވެ.
ހިތްނުތަނަވަސްވެ މާޔޫސްވެފައިވާ ޒުވާނެއްގެ ކިބައިން ސުޢުދާގެ މައްޗަށް ސަލާމްހުއްޓެވެ.
ކޮންމެއަކަސް ޚަލީފާގެ އަރިހަށް
ސުޢުދާ ގެނެވިއްޖެއެވެ. ޚަލީފާއަށް ފެނިވަޑައިގަތީ ބަލާ މީހެއްގެ ސިކުނޑިއަށް އުނިކަމެއް
ނުފެންނާނޭ ފަދަ ރީތިކަމާއި ފުރިހަމަކަމުގެ ރާނީއެކެވެ. އެ ރާނީ ލައްވާ ވާހަކަދެއްކުވި
ހިނދުގައި ފެނުނީ ބަސްތެރި ބަސްމޮށުންތެރިކަމެވެ.
ދެން އެއްކަލަ ބީރައްޓެހި މީހާ
ގެނައުމަށް އަމުރުކުރެއްވިއެވެ. އޭނާ އައިހިނދުގައި ޚަލީފާ ވިދާޅުވިއެވެ. ތިބާއަށް
މި ކަމަނާގެ މަތީން ހަނދާން ނައްތާލެވިދާނެހެއްޔެވެ؟ އަހަރެން ތިބާއަށް ބިކުރުވެރި
ތިން ޖާރިޔާއިން ދެއްވާނަމެވެ. ކޮންމެ ޖާރިޔާއަކާއި އެކު އެއްހާސް ދިރުހަމާއި ނުހަނު
ގިނަ ޖަވާހިރާއި މުދާ ވެސް ދެއްވާނަމެވެ. ޚަލީފާގެ މި ބަސްތައް އިވުނު ހިނދުގައި ބީރައްޓެހި
ކަލޭގެ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ޚައްދާމުން އައިސް އޭނާ ތަފާތު
ގޮތްގޮތަށް ހޭހަންކޮށް ހޭ އެރީމާ ޚަލީފާ ދެންނެވިއެވެ. ތިބާގެ ޙާލަކީ ކޮބައިތޯއެވެ؟
ދެންނެވިއެވެ. އެންމެ ހިތާމައިގައި އެންމެ ހިތްދަތިކަމުގައި ވީމެވެ. ތިބާގެ ޢަދުލުވެރިކަމުގެ
ޒަރީޢާއިން ގަވަރުނަރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެދިގެން ހުރީމެވެ.
ﷲ ގަންދީފައި ހުވާކޮށްކޮށްފައި
ބުނަމެވެ. އަހަންނަކަށް ސުޢުދާގެ ލޯބި ހަނދާން ނައްތައެއް ނުލެވޭނެއެވެ. ޤަބުރުތަކާއި
ހިލަތަކުގެ ތެރޭގައި އަހަރެން ޣައިބުވެއްޖައުމަށް ދާންދެނެވެ. ހިތުގައި ބިންވަޅު ނެގިފައިވާ
އެއްޗެއް ހިތުން ފުހެލާނީވެސް ކިހިނަކުންހެއްޔެވެ؟
އޭނާގެ ޅެން ނިމުނީމާ ޚަލީފާ
ވިދާޅުވިއެވެ. އޭ ރަހުމަތްތެރިޔާއެވެ. ތިބާ ވެސް ގަވަރުނަރު ވެސް ވަނީ އެކަމަނާ ވަރިކޮށްފައެވެ.
އެހެންވީމާ އަހަރެމެން އިޚްތިޔާރުކުރުމުގެ ފުރުސަތު އެކަމަނާއަށް ދެމާ އަންނާށެވެ.
އެއަށްފަހު ސުޢުދާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. އޭ ސުޢުދާއެވެ. ތިބާ
ބޭނުންވަނީ ކޮން ގޮތެއްހެއްޔެވެ؟ ޝަރަފާއި ޢިއްޒަތާއި އެކު ރިވެތި ގަނޑުވަރުތަކުގައި
އުޅުއްވާ ޚަލީފާހެއްޔެވެ؟ ކަމަނާ ގަދަކަމުން ފޭރިގަތް ގަވަރުނަރުހެއްޔެވެ؟ ނުވަތަ ހައިހޫނުކަމާއި
ފަޤީރުކަމުގައި އުޅެމުންދާ މި ރަށްފުށުގެ ނިކަމެތި މީހާހެއްޔެވެ؟ އެކަމަނާގެ ރީތި ދެ
ތުންފަތް އިޝާރާތް ކުރި ހިނދު ތަން ހަމަހިމޭންވެލިއެވެ.
މީނާ ކިތަންމެ ނިކަމެތިވެފައި
ހައިހޫނުކަމުގައި އުޅުނަސް އަހަރެންގެ އަހުލުންނާއި އަވައްޓެރިންނަށް ވުރެ އަހަރެންގެ
ގާތުގައި ޢިއްޒަތްތެރިކަން ބޮޑެވެ. އަދި ތާޖުގެ ވެރި ޚަލީފާއާއި އޭނާގެ ގަވަރުނަރާއި
އެމީހުން ދޭ ކޮންމެ ދީނާރަކާއި ދިރުހަމަކަށް ވުރެންވެސް މެއެވެ.
އޭ ލޮބުވެތި ޚަލީފާއެވެ. އަހަރެންނަކީ
މުސީބާތްތަކުގެ ކުރިމަތީގައި ފިޑިއަކީމެއް ނޫނެވެ. އަހަރެންނާއި އޭނާއާ ދެމީހުންގެ
މެދުގައި އޮތީ ހާދަ ރީތި ގުޅުމެކެވެ. އުފަލާއި ހިތާމައިގައި ދައްޗާއި ހަމަޖެހުމުގައި
ބަލިމަޑުކަމާއި ދުޅަހެޔޮކަމުގައި އޭނާއާ އެކު ކެތްތެރިވުމަށް އަހަރެންނަށް މާ ޙައްޤުކަން
ބޮޑެވެ.
އެކަމަނާގެ ވިސްނުންތެރިކަމާއި
ތޫނު ފިލިކަމާ، ހިތްވަރުގަދަ ޢަޒުމާއި ފެނިވަޑައިގަތްހިނދު ޚަލީފާގެ އިތުރަށް ދަރުބާރުގެ
ބޮޑުންމެ އަންތަރީސްވެފައި ތިއްބެވިއެވެ. އަދި އެކަމަނާއަށް ދިހަ ހާސް ދިރުހަމް ދިނުމަށާއި
ބައިތުލްމާލުން ޞަދަޤާތްދެވޭ މީހުންގެ ލިސްޓުގައި އެކަމަނާގެ ނަން ހިމެނުމަށް ޚަލީފާ
އަމުރުކުރެއްވިއެވެ.
No comments:
Post a Comment