ކުޑަ އިރުކޮޅެއް ފަހުން އެދިމާލުން ރަތް ފިނިފެންމާތަކެއް ބާރު އޮއިވަރަކާއި އެކު އަންނަތަން ފެނުނެވެ. އެއާއި އެކު ފެނުނީ އެ ފިނިފެންމާތަކުން ލޭ އޮހޮރެމުން ދާތަނެވެ. އެލެއިން މުޅި ކޯރުތެރެ ކިލަނބުވަމުން ދިޔައެވެ. އެމީހުން އަވަހަށް އެތަނުން ދާން މަސައްކަތް ކުރިއެވެ. ދެމީހުން އެކުއެކީގައި ކުރިމަތިން ފެންނަށް އޮތް މަގުން ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޒިހާދާ ވަރުބަލިވެގެން މަޑުކުރިއެވެ. އެހެނަސް ނަސްރާ ފަހަތައް ނުބަލާ ދުވަމުން ދިޔައީ ކުރިއަށެވެ. އޭނާ އެމަގުން ދުވަމުން ގޮސް ގޯޅިއަޅާލައިފިއެވެ.
އެހިސާބުން ދެމީހުން ދެމީހުންނަށް ގެއްލިއްޖެއެވެ. ނަސްރާއަށް ދެވޭ ނުދެވޭ ދިމައެއް ނޭނގެއެވެ. ހާސްވެފައި ހުރިވަރުން އޭނާ ވަރުބަލި ވެއްޖެއެވެ. ކުޑައިރުކޮޅަކުން އެނާ ދުވުން މަޑުވެއްޖެއެވެ. އޭނާ ފަސްއެބުރި ބަލައިލިއެވެ. އޭރު ޒިހާދާ ފެންނާކަށް ނެތެވެ. އެހެންވެ މާ ބޮޑަށްވެސް ހާސްވެއްޖެއެވެ.
މި ހާސްކަމުގެ ތެރޭގައި ހުއްޓާ އިރުގެ އަލިކަން ފަނޑުވަމުންގޮސް މުޅި ހިސާބަށް އަނދިރިކަން ވެރިވާން ފެށިއެވެ. ހިސާބަކީ ގިނައިން ގަސް ހެދި ވައު ބޯ ވެފައިވާ ހިސާބެއް ކަމުން، އަނދިރިކަން އިތުވަމުން ދިޔައީ އެމީހުންގެ ހާސްވެފައިވާ ހިތުގެ ވިންދު ޖަހާހައި އަވަހަށެވެ. ނަސްރާއަށް ބާރަށް ރޮވެން ފެށިއެވެ. އޭރު އޭނަ ހުރީ ބޮޑު ނިކަގަހެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. އަނދިރިކަމުން އޭނައަށް އެއްވެސް ތަނެއް ނުފެނުމުން، އެގަސް ކައިރީގައި މަޑުކުރަން މަޖުބޫރުވީއެވެ.
ގަސްތައް ގިނަ ވަލުތެރެއިން ދުވަމުން ދުވަމުން ޖިހާދާއަށް މީހުން އުޅޭ ހިސާބަށް ދެވުނީ އިޝާ ނަމާދަށް ގޮވަނި ކޮށެވެ. އޭރު އޭނައަށް ވަނީ ހަމަ ރަނގަޅަށްވެސް މާނޭވާ ލެވި ހާސްކަމުގެ އިންތިހާއަށް ގޮސްފައެވެ. އޭނާ ފުރަތަމަވެސް ބެލީ ނަސްރާގެ އާއިލާއަށް އެކަން ވީގޮތް ކިޔައިދޭށެވެ. އެ ޙަބަރާއި އެކު މުޅި އާއިލާގެ އެންމެން ކަހަލަ ގޮތަކަށް އަވަސްވެ ގަތީ ނަސްރާ ހޯދަން އެތަނަށް ދިއުމަށެވެ. ރަށުގެ ބޮޑުންނާއި އަދިވެސް ހެޔޮއެދޭ ވަރަށް ގިނަ ފަރާތް ތަކެއް ނަސްރާ ފެނޭތޯ މަސައްކަތް ފެށިއެވެ.
އެހެނަސް ވަގުތަކީ ރޭގަނޑުގެ ކަނުއަނދިރިކަން ފެތުފިފައިވާ ވަގުތުކަމުން އެ މަސައްކަތް ފުރިހަމަ ވާގޮތެއް ނުވިއެވެ. ހުރިހާ މީހުންވެސް ކަރު އެލުވާލުމަށްފަހު ގެޔަށް އައީ މެންދަންވެ ބޮޑުވި ފަހުންނެވެ. އޭރު މުޅި ރަށުގެ އެތައް މިތަން ބަލާ ނިމިއްޖެއެވެ. އެހެންނަމަވެސް ނަސްރާގެ ކުޑަވެސް ހިލަމެއް ކީއްކުރަން އޭނާ އަރައިގެން އުޅުނު ފައިވާނުގެ ވަދުވެސް އެއިން ހިސާބަކުން ނުފެނުނެވެ..

No comments:
Post a Comment