Friday, October 7, 2011

ކުރިން އެނގުނުނަމަ

އިޔާންއަށް ގޭތެރެއަށް ވަދެވުނުއިރު މިސައިބާއާއި އަލްޔަން އުޅެނީ ވަރަށް ކަންބޮޑުވެގެންނެވެ. އެމީހުންގެ މޫނު މަތިން ފެންނަމުންދިޔަ ހާސްކަމުގެ ކުލަވަރުތަކުން އިޔާންގެ ހިތްވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި ބުނަން ފަށައިފިއެވެ. "މަންމާ ކިހެނެއް ވީތަ؟" އެކި މީހުންގެ މޫނަށް
ވަކިވަކިން ބަލާލަމުން އިޔާން މިސައިބާގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ.
"ޒީކް ދިޔަތަނެއް ނޭނގިގެން.. އެއްވެސް އެއްޗެއް ވެސް ނެތް" މިސައިބާގެ އަޑުގައިވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އިޔާންއަށް ހީވީ ބޮލުގައި މީހަކު ބާރުބާރަށް ތަޅައި ގަންހެންނެވެ.
"ވަޓް....ޒީކް...." އިޔާންއަށް އޭނާ ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ހިތަށް ކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ.
"ދަމުން ބުނެލާފަ ދިޔަނަމަ.....އެހެން ނޫނަސް މިގެއިން ކާކުތަ ޒީކް އެހެން ނުބުނެ ދާންޖެހޭ ވަރުގެ ކަމެއް ކުރާނީވެސް" މިސައިބާ އަނެއްކާވެސް ބުނެލިއެވެ. އިޔާންއަށް ހީވަނީ މިސައިބާ ބުނެލާ ކޮންމެ އެއްޗަކީ އޭނާއާއި ދިމާއަށް ބުނެލާ އެއްޗެހި ކަމުގައިއެވެ. އެކަހަލަ ކޮންމެ ވަގުތަކު އިޔާންގެ ހިތްތެޅިގަންނަނީ އެހާވެސް ބޮޑަށެވެ. އެއިން އެކަކަށް ނޭނގުނު ނަމަވެސް ޒީކް އެގެއިން ދިޔުމުގެ އަސްލަކީ އޭނާކަން އިޔާންއަށް އެނގެއެވެ. އަލްޔަންވެސް ހަދާނެގޮތެއް ނުވިސްނިގެން ދެކޮޅަސް ހިނގާލަ ހިނގާލާ ހުއްޓެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައަކުން އައިސް ރައުނާ ކައިރިއަށް އަލްޔަން ހުއްޓުނެވެ. އަދި ސުވާލު ކުރަން ފެށިއެވެ. ރައުނާއާއި ސުވާލު ކުރުމުންވެސް މާއެދެވޭ ޖަވާބެއް ނުލިބުނެވެ. ރައުނާއަށް ވެސް އެނގެނީ ޒީކް ހޯދަން ޒުވާނެއް އައި ކަމެވެ. އެއީ ކާކުކަމެއް ޒީކް ދިޔައީ އޭނާއާއި އެކުގައި ކަމެއްވެސް ބުނާކަށް ނޭނގުނެވެ. އެންމެން ސިހިގެން ދިޔައީ ސިޓިންރޫމްތެރޭގައި ހުރި ފޯނުގެ ރިންގުގެ އަޑަށެވެ. އެހެން މީހުންނަށް ފޯނާ ހަމައަށް އާދެވެން ވާއިރަށް އިޔާން ފޯނު ނަގައިފިއެވެ.
"ހެލޯ" އިޔާން އަވަސް އަވަހަށް ބުނެލިއެވެ.
"ހެލޯ....ހެލޯ" އެކޮޅުން އެއްވެސް އަޑެއް އިވެމުން ނުދާތީ އިޔާން އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އެވަގުތު އެކޮޅުން ހެލޯއޭ ބުނެލިއަޑު އިވުނެވެ. ކިތަންމެ ދުރުގައި ހުރެގެން ވާހަކަ ދެއްކި ކަމުގައި ވިޔަސް ޒީކްގެ އަޑު ދެނެގަންނަން އިޔާންއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.
"ޒީކް.." ޒީކްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިޔާން ބުނެލައިފިއެވެ. ނަމަވެސް ބުނަން ބޭނުންވި ދެތިން ޖުމްލައެއް ބުނުމަށްފަހު އެކޮޅުން ފޯނު ކަނޑާލައިފިއެވެ. އިޔާން މަޑުކޮށްބަލާށޭ ގޮވަގޮވަ އޮއްވައެވެ. ޒީކް އެހެން ކަންތައް ކުރުމުގެ ހައްގު އެބައޮތްކަން އިޔާންއަށް ގަބޫލުކުރެވުނެވެ. ފޯނު އަތްގަނޑު ބާއްވަންވެސް ނޭގިފައި އިޔާންއަށް ހުރެވުނެވެ. ޒީކްއަށް އެފަދަ ހިތްވަރެއް ލިބުނީ ކިހެނެއްކަން ނޭގިފައެވެ. އެވަގުތު ކައިރީގައި ހުރި އަލްޔަން އިޔާންގެ އަތުން ފޯނުގެ އަތްގަނޑު އަތުލައިފިއެވެ. ނަމަވެސް އޭރު ވަނީ ފޯނު ކެނޑިފައިކަމުން އަތްގަނޑު ބާއްވަމުން އިޔާންއާއި ސުވާލުކުރަންފެށިއެވެ. އެންމެންގެ ސުވާލުތައްވެސް އިޔާންއާއި އަމާޒުވަމުން ދިޔައެވެ. އިޔާން ހުރީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ.
"ޒީކްތަ ގުޅީ..." މިސައިބާ ކެތްތެރިކަމެއް ނެތްގޮތަކަށް އަހާލިއެވެ. ބޮލުގެ އިޝާރާތުން އިޔާން އާއެކޭ ބުނެލިއެވެ.
"ކީކޭތަ ބުނީ" އަލްޔަންއަށްވެސް މަޑަކުން ނުހުރެވުނެވެ.
"ޒީކް މިގެ ދޫކޮށްލާފަ ދިޔައީތަ؟" އަނެއްކާވެސް އަލްޔަން އަހާލިއެވެ. މިފަހަރުވެސް އިޔާން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.
"މަންމަ ގޭގަ ނެތީމަ..... ބުނުނެވުނީ އޭ ބުނީ" އިޔާން އޭނާގެ ހިތަށް ކުރަމުންދާ އަސަރުތައް ކޮންޓްރޯލް ކުރަމުން އޮޅުން ފިލުވައިދިނެވެ.
"ކާކު ކައިރީގައި ޒީކް ހުރީ" އަނެއްކާވެސް މިސައިބާގެ ސުވާލު އިޔާންއާއި އަމާޒުވިއެވެ.
"ނުބުނޭ" އިޔާންގެ ޖަވާބު ކުރެވެ. ޒީކް ވީތަން އެނގުނު ނަމަވެސް ބުނާކަށް އިޔާން ބޭނުމެއް ނުވެއެވެ. އެހެން ބުނުމަށްފަހު އިޔާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެތެރެއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އިޔާންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުންދިޔައެވެ. މިހުރިހާ ވެސް ކަމަކީ އިޔާންގެ ކަންތައް ކަމުގައި ހިތްބުނަމުންދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެއްޗެއް ހަނދާން ވުމުން ކުއްލިއަކަށް ތެދުވެ އެނދުމަތީގައި އިށީދެވުނެވެ. އަދި ހަމަ އެސިކުންތުކޮޅުގެ ތެރޭގައި ކޮޓަރިން ނިކުމެގެން ޒީކް އުޅުނު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ކަޅު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް ވަންނަމުން ލައިޓް ދިއްލާލިއެވެ. ފަޅުކަން ވެރިވެފައިވާ ކޮޓަރިތެރެއިން ޒީކް ފެނުނު ހެން އިޔާންއަށް ހީވިއެވެ. އަލަމާރި ހުޅުވާލަމުން އިޔާން އެތެރެއަށް ބަލާލިއެވެ. ހުސްކޮށްފައިވާ ވައްގަނޑު ތަކުގެ ތެރެއިން އެކައްޗެއްވެސް އިޔާންއަކަށް ނުފެނުނެވެ. މޭޒުމަތީގައި އިންނަ ބިއްލޫރިތައްޓަށް ޖަހާފައި އިން މާކޯޅިވެސް އިނީ މޯޅިވެފައެވެ. މާޔޫސްވެފައިވާ ހިތަކާއިގެން ނިކުމެގެން ދާން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަލަމާރި މައްޗަށް ބަލާލެވުނެވެ. ކަރުދާހު ފޮށިގަނޑު ފެނުމުން އަވަސް އަވަހަށް ގޮސް ފޮށިގަނޑު ނަގައިފިއެވެ. އަދި އޭގެެތެރޭގައިވާ އެއްޗެހިތައް ނަގައިގެން ބަލަން ފަށައިފިއެވެ. އެވަގުތު އިޔާން ލޮލުގައި އަޅައިގަތީ އޭނާގެ ލިޔެފައި އިން ނޯޓެވެ. އެއީ އައްޑުއަށް ފުރައިގެން ދަމުން ހައްވައްތައާއި ހަވާލުކުރި ނޯޓްކަން ހަނދާންވެއްޖެއެވެ. ނަމަވެސް ހަމައެއާއެކު އިޔާންގެ މޫނަށް ހައިރާންކަން ވެރިވެގަނެފިއެވެ. އޭނާ އެއްތާރީހެއްގައި ލިޔެފައިން ދެނޯޓެއް ފެނުމުންނެވެ. ނަމަވެސް އިޔާން ޒީކްގެ ހިތްހަލާކު ކުރަން އެފަދަ ނޯޓެއް ނުލިޔާކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް އެއީ ހަމަ އޭނާގެ ލިޔުމެވެ. އެއްވެސް ތަފާތެއް ނެތެވެ. އިޔާންގެ ހިތުގައި އުފެދުނު ސުވާލުތައް ދިޔައީ ގިނަވަމުންނެވެ. ފޮށިގަނޑުގެ ތެރޭގައި އޮތްފޮތުގެ ތެރެއަށް ދެނޯޓް ލަމުން ފޮށިގަނޑު ނަގާ އެހުރި ތަނުގައި ބަހައްޓައިފިއެވެ. އަދި ފޮތް ހިފައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ރޭގަޑުން ބޮޑު ބައެއް ފާއިތުވެގެން ދިޔައިރު ޒީކް އޮތީ ނުނިދިފައެވެ. ކިންގ ސައިޒް އެނދުގެ އެއްފަރާތެއްގައި ރާއިނާ އަރާމްކޮށް ނިދާލާފައި އޮތެވެ. ޒީކް ދެލޯމަރައިގެން ނިދޭތޯ އޮވެ އޮވެ ވަރުބަލިވެއްޖެއެވެ. ނަމަވެސް ޒީކްގެ ދެލޮލާއި ނިދި ރުޅި ބުނެފައިވާ ކަހަލައެވެ. އެންމެފަހުން ޒީކް ތެދުވެގެން ގޮސް ދަބަސް ހުޅުވާލައިފިއެވެ. ނުނިދިގެން އުޅޭ ކޮންމެ ރެއަކު މަންމަގެ ފޮޓޯ ފެނުމުން ޒީކްގެ ހިތަށް ފަސޭހަކަމެއް އިހްސާސްކުރެވިގެންދެއެވެ. ނަމަވެސް ދަބަހުން ހުރިހާ އެއްޗެއް ވަކިވަކިން ނަގައިގެން ހޯދި އިރުވެސް މަންމަގެ ހަނދާން ކަމުގައިވާ ފޮޓޯ ގަނޑެއް ނުފެނުނެވެ. އެވަސް އަރުވާލައިގެން އަންނަން އުޅުމުގެ ތެރޭގައި އެފޮށިގަނޑު މަތިން ހަނދާން ނެތުނީކަން ޒީކް ހަނދާންވެއްޖެވެ. ދެން އެންމެ އަވަހަށް ވެސް އެއެއްޗެހި ބަލައިދެވޭނީ ހެނދުނު ވުމުންކަން ވިސްނުމުން އެނދުމަތީގައި އޮށޯވެއްޖެއެވެ.

ޔުނިވާސިޓީގެ ކިޔެވުން ފެށެން ދެތިން ދުވަސް އޮތުމުން ރުއާން އަބަދުވެސް ކޮންމެވެސް ކަމެއް ރާވައިގެން ޒީކް އެކަމުގައި ބައިވެރި ކުރެވޭތީ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ޒީކް މޫނުމަތިން ފެންނަމުންދާ ހިތާމަވެރި ކަމުގެ އަސަރުތަކާއި މާޔޫސީކަމަށް ރުއާންއަކަށް ހައްލެއް ހޯދައެއް ނުދެވުނެވެ. ކާރު ދުއްވާލަން ދިޔުމުގެ ޕްރޮގްރާމެއް ރުއާން ރޭވީ ރައިނާގެ އެދުމުގެ މަތިންނެވެ. ރުއާން ހުރީ ނީލާވެސް ގޮވައިގެން ގޮސް އެދެމެދުގައިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ނިންމައިގެންނެވެ. ނީލާއާއި އެކުގައި ޒީކް އުޅެން ފަށައިފިނަމަ ޒީކް ހަމައަކަށް އެޅިދާނެއޭ ރުއާންގެ ހިތް ބުނަމުންދާތީއެވެ.

ރޭގަނޑު ނުވައެއް ޖަހަން ވީއިރު ޒީކްއާއި ރާއިނާ ތިބީ ތައްޔާރުވެގެން ރުއާންގެ އިންތިޒާރުގައެވެ. ޒީކް ކިތަންމެ ދާހިތް ނުވިޔަސް ރާއިނާގެ އެދުމަށް ދެކޮޅު ހަދާހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބޮލުގައިވެސް ކުޑަކޮށް ރިއްސަމުން ދިޔައަށް ހިތްވަރުކޮށްލައިގެން ނިކުތީ އެމީހުންނާއި ބައިވެރިވެލުމަށެވެ. ފަސްވަރަކަށް މިނިޓް ތެރޭގައި ރުއާންވެސް އަތުވެއްޖެއެވެ. އަދި ތިންމީހުން އެކުގައި ގޮސް ކާރަށް އެރުމަށްފަހު ނީލާމެންގެއާއި ދިމާއަށް ދުއްވައިލައިފިއެވެ.

No comments:

Post a Comment